Roadha Mihaaru
މައްސަލައެއް ނެތްކަމަށް އޭސީސީން ކުރިން އެންގި:މަހްލޫފް

އަޅުގަނޑުގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން މަޖިލިހަށް ކުރިން އެންގި: މަހްލޫފް

15 ފެބުރުއަރީ 2019

ވަޒީރުންގެ މަޖިލިހުގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލިހުން އޭނާ އަށް ރުހުން ދިން މަރުހަލާގައި ވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މަޖިލިހަށް އަންގާފައިވާ ކަމަށް އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލިހުގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލިހުން އޭނާ އަށް ރުހުން ދިން މަރުހަލާގައި ވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މަޖިލިހަށް އަންގާފައިވާ ކަމަށް އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

މަހްލޫފު މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން މިއަދުން ފެށިގެން ވަނީ ދުރުކޮށްފަ އެވެ. އޭނާގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް މަގާމުގެ މަސްއޫލިއްޔަތުތަކުން ވަނީ މިއަދުން ފެށިގެން އެކަހެރި ކޮށްފަ އެވެ.

މަހްލޫފުގެ ޓުވީޓު

ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މަހްލޫފުގެ އެކައުންޓަށް އެސްއޯއެފުން 33،000 ޑޮލަރު އަދި އަކްރަމްގެ އެކައުންޓަށް އެ ކުންފުނިން 30،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ދެބޭފުޅުން މަގާމުތަކުން ސަސްޕެންޑް ކުރީ މައްސަލަ ބަލައި ނިމެންދެނެވެ.

މި މައްސަލައިގައި ޖަވާބުދާރީވެ މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެސްއޯއެފުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައިގައި މިހާތަނަށް ވެސް އޭސީސީން ސުވާލު ކޮށްފައި ނުވާ ކަމަށެވެ. އަދި، އެ ކޮމިޝަނުން ސުވާލު ނުކުރީ އޭނާގެ ބައިވެރިވުމެއް އެކަމުގައި [ހިޔާނާތުގައި] ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޑިސެމްބަރު މަހު ރުހުން ދިނުމުގެ ކުރިން، އެބޭފުޅުންގެ އެއްވެސް މައްސަލައެއް އޭސީސީގައި އޮތްތޯ ސަރުކާރުން ބެލި އެވެ. އޭރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި ރިޕޯޓު ކަމާ ގުޅޭ އިދާރާތަކަށް ފޮނުވިތާ ވެސް ދެ އަހަރެއްހާ ދުވަސް އޮތީ ވެފަ އެވެ. އަދި އެ ރިޕޯޓު އޮތީ ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ފޮނުވައިފަ އެވެ.

މަހްލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.

"... އެ މުއާމަލާތަކީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮށްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެކެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގައި ސޮއިކުރެއްވި މަހްލޫފްގެ ބަޔާނުގައި ވެ އެވެ.