Roadha Mihaaru
ރަންނަގާ ވަޅުގައި ތާށިވި މީހުން ސަލާމަތްކުރެވޭތޯ ބަލަނީ

ރަން ނަގާ ވަޅުގައި ތާށިވި މީހުން ސަލާމަތް ކުރެވޭތޯ ބަލަނީ

19 ޖެނުއަރީ 2021

ބެއިޖިން (ޖެނުއަރީ 19) - ޗައިނާގައި ރަން ނަގާ ވަޅެއްގައި ތާށިވި ބަޔަކު ސަލާމަތް ކުރެވޭތޯ އެ ގައުމުން މަސައްކަތް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖެނުއަރީ 19) - ޗައިނާގައި ރަން ނަގާ ވަޅެއްގައި ތާށިވި ބަޔަކު ސަލާމަތް ކުރެވޭތޯ އެ ގައުމުން މަސައްކަތް ފަށައިފި އެވެ.

އެންމެ ފަހުން ފެށި މަސައްކަތަކީ ރަން ނަގާ ވަޅުގައި މީހުން ތިބި ހިސާބާ ހަމައަށް ފޯރާތޯ އެކި ދިމަދިމާލުން ތޮރުފުމެވެ. ހުޝާން ނަމަކަށް ކިޔާ ވަޅުގައި 22 މީހުން ތާށިވެފައި ތިބީ 540 މީޓަރު (1،750 ފޫޓް) އަޑީގަ އެވެ. އެ މީހުންގެ ޚަބަރެއް ނުވެ، އެތައް ދުވަހެއް ފަހުން، ތާށިވެފައި ތިބި މީހުން ވަނީ ނޯޓެއް ފޮނުވައިފަ އެވެ. އެ ނޯޓު ފޮނުވާފައި ވަނީ މީހުން ސަލާމަތް ކުރާ ޓީމުތަކުން ވަޅަށް ބޭލި ނަރެއްގައި އައްސައިފަ އެވެ.

އަތުން ލިޔެފައިވާ އެ ނޯޓުގައި އެ މީހުން ބުނެފައި ވަނީ ބާރަ ވަރަކަށް މީހުން ތިބީ ސަލާމަތުން ކަމަށާއި އެކަމަކު އެ މީހުން ތިބި ތަނުގައި ފެންބޮޑުވެދާނެކަމުގެ ބިރު އޮތް ކަމަށެވެ. އަދި އެ މީހުންނަށް ސިއްހީ އަވަސް ފަރުވާ ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭން ގިނަ މީހުންނަށް އެކި ޒަޚަމްތައް ލިބިފައިވާ ކަމަށް ވެސް ނޯޓުގައި ބުނެފައިވެ އެވެ.

މައިންގައި ތިބި މީހުންނަށް ވާހަކަ ދެއްކުމަށް ފޯން ލިންކެއް ފަހުން ވަނީ ގާއިމްކޮށްފަ އެވެ. ފޯނު ކޯލަކުން އެނގުނު ގޮތުގައި އެ މީހުންގެ ތެރޭން 11 މީހުން ތިބީ 540 މީޓަރު އަޑީގަ އެވެ. އަނެއް މީހާ ހުރީ އެއަށް ވުރެ 100 މީޓަރު އަޑީގައި ކަމަށް ބުނެފައިވެ އެވެ. ބާކީ ތިބި 10 މީހުންނަށް ވީގޮތެއް ނޭނގެ އެވެ.

ރެސްކިއު ޓީމުތަކުން މިހާރު ވެސް ވަނީ އިތުރު ތިން ޗެނަލް ކޮނެ ކާނާ އާއި ބޭސް އަދި ކަރުދާހާއި ފަންސުރު ފޮނުވައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މައިންގައި މީހުން ތާށިވީ އެތަނުގައި ހިނގި އެކްސިޑެންޓަކަށް ފަހު އެވެ.