Roadha Mihaaru
ރަން ނަގާ ވަޅުގައި ތާށިވި މީހުން ބޭނުން ވަނީ ސޮސެޖް

ރަން ނަގާ ވަޅުގައި ތާށިވި މީހުން ބޭނުން ވަނީ ސޮސެޖް

21 ޖެނުއަރީ 2021

ބެއިޖިން (ޖެނުއަރީ 20) - ޗައިނާގެ ރަން ނަގާ ވަޅެއްގެ ތެރޭގައި އެއްޗެއް ގޮވައި ތާށިވި 11 މީހުން ބޭނުން ވަނީ ސޮސެޖް ކަމަށް އެ މީހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖެނުއަރީ 20) - ޗައިނާގެ ރަން ނަގާ ވަޅެއްގެ ތެރޭގައި އެއްޗެއް ގޮވައި ތާށިވި 11 މީހުން ބޭނުން ވަނީ ސޮސެޖް ކަމަށް އެ މީހުން ބުނެފި އެވެ.

ބިމުން ފެށިގެން 540 މީޓަރު (1،750 ފޫޓް) އަޑީގައި ތިބި މީހުންނާ މުވާސަލާތު ކުރުމަށް މިހާރު ވަނީ ލައިނެއް ގާއިމްކޮށްފަ އެވެ. ރަން ނަގާ ވަޅުގައި ތިބި މީހުން ވަނީ އެ މީހުންނަށް ފޯރުކޮށްދޭ ކާތަކެއްޗަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެ މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނުގެނައުމަށް އެދިފައިވެ އެވެ.

ރަން ނަގާ ވަޅުގައި 22 މީހަކު ތާށިވި އެވެ. އެކަމަކު 11 މީހުންނަށް ވީގޮތެއް ނޭނގެ އެވެ.

ބާވީސް މީހުން ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން ވަޅުގައި ތާށިވީ ބާރުގަދަ އެއްޗެއް ގޮވައި، ވަޅުން މައްޗަށް އެރޭނެ ގޮތް ބަންދުވުމުންނެވެ. ގޮވުމުގެ ސަބަބުން، ވަޅުގައި ގާއިމްކޮށްފައިވާ މުވާސަލާތީ ނިޒާމް ވެސް ހަލާކުވި އެވެ.

ރަން ނަގާ ވަޅުގައި އެއްޗެއް ގޮވިތާ ހަފުތާއެއް ފަހުން 11 މީހަކު ދިރިތިބިކަން އެނގުނީ ވަޅަށް ބޭލި ވަލެއްގައި އެތެރޭން ހިފާ ދެމުމުންނެވެ. އޭގެ ފަހުން ވަނީ ފަންސުރާއި ކަރުދާސް ވަލުގައި އައްސާފައި ވަޅަށް ތިރިކޮށްފަ އެވެ. ވަޅުގައި ތާށިވެފައި ތިބި މީހުން އޭގެ ފަހުން ވަނީ ވަލުގައި އައްސާފައި ނޯޓެއް ފޮނުވައިފަ އެވެ.

މުވާސަލާތީ ލައިން މެދުވެރިކޮށް އެ މީހުން ވަނީ ކާނާގެ ގޮތުގައި ފޮނުވާ ދިޔާ ތަކެއްޗާއި ބޭހަށް ޝުކުރުކޮށްފަ އެވެ. އަދި ސޮސެޖް ފޮނުވައިދިނުމަށް އެދިފައިވެ އެވެ.