Roadha Mihaaru
ޗައިނާގެ ރަން ނަގާ ވަޅުން 11 މީހުން ސަލާމަތްކޮށްފި

ޗައިނާގެ ރަން ނަގާ ވަޅުން 11 މީހުން ސަލާމަތްކޮށްފި

24 ޖެނުއަރީ 2021

ބެއިޖިން (ޖެނުއަރީ 24) - ޗައިނާގެ ރަން ނަގާ ވަޅެއްގައި، ބިމުން ފެށިގެން 600 މީޓަރު (2،000 ފޫޓު) އަޑީގައި ތާށިވި މީހުންގެ ތެރޭން 11 މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖެނުއަރީ 24) - ޗައިނާގެ ރަން ނަގާ ވަޅެއްގައި، ބިމުން ފެށިގެން 600 މީޓަރު (2،000 ފޫޓު) އަޑީގައި ތާށިވި މީހުންގެ ތެރޭން 11 މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.

ޝަންޑޮންގް ޕްރޮވިންސްގެ ހުޝާން ރަން ވަޅުގައި ތިބި މީހުން ތާށިވީ ޖެނުއަރީ 10 ވަނަ ދުވަހު އެ ވަޅާ ކައިރީގައި ބާރުގަދަ އެއްޗެއް ގޮވައި ވަޅުން ނުކުމެވޭ ގޮތަށް ހުރި ޓަނަލް ބަންދުވުމުންނެވެ. ބާރަ މީހަކު ސަލާމަތުން ވަޅުގައި ތިބިކަން ކުރިން އެނގިފައިވެ އެވެ. ނަމަވެސް އޭގެ ތެރޭން އެކަކު ފަހުން ވަނީ މަރުވެފަ އެވެ.

ރަން ނަގާ ވަޅުން ފުރަތަމަ މީހާ ސަލާމަތްކުރި މަންޒަރު ވަނީ ޓީވީތަކުން ދައްކައިފަ އެވެ. އޭނާ މައްޗަށް ނެގި އިރު ވަނީ ކަނުބަނދެފަ އެވެ. އެއީ އަލިން އެ މީހާގެ ލޯ ސަލާމަތް ކުރުމަށްޓަކަ އެވެ. ރަން ވަޅުން ނެގުމާ އެކު އެ މީހާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ މީހާ ސަލާމަތް ކުރިތާ ގަޑިއެއްހާ އިރު ފަހުން ވަނީ އިތުރު 10 މީހުން ސަލާމަތްކޮށްފަ އެވެ.

ވަޅުގައި ތާށިވި 22 މީހުންގެ ތެރޭން 10 މީހުންނަށް ވީގޮތެއް އަދި ނޭނގެ އެވެ.

ވަޅުގައި ތިބި މީހުންނާ މުވާސަލާތު ކުރުމަށްޓަކައި ވަނީ ފޯނު ލައިނެއް ގާއިމްކޮށްފަ އެވެ. އެއްޗެއް ގޮވިތާ ހަފުތާއެއް ފަހުން 12 މީހަކު ދިރިތިބިކަން އެނގުނީ ވަޅަށް ބޭލި ވަލެއްގައި އެތެރޭން ހިފާ ދެމުމުންނެވެ. އޭގެ ފަހުން ވަނީ ފަންސުރާއި ކަރުދާސް ވަލުގައި އައްސާފައި ވަޅަށް ތިރިކޮށްފަ އެވެ. ވަޅުގައި ތާށިވެފައި ތިބި މީހުން އޭގެ ފަހުން ވަނީ ވަލުގައި އައްސާފައި ނޯޓެއް ފޮނުވައިފަ އެވެ.

މުވާސަލާތީ ލައިން މެދުވެރިކޮށް އެ މީހުން ވަނީ ކާނާގެ ގޮތުގައި ފޮނުވާ ދިޔާ ތަކެއްޗާއި ބޭހަށް ޝުކުރުކޮށްފަ އެވެ.