Roadha Mihaaru
ޗައިނާގެ ރަން ނަގާ ވަޅުން ނުވަ މީހަކު މަރުވެއްޖެ

ޗައިނާގެ ރަން ނަގާ ވަޅުން ނުވަ މީހަކު މަރުވެއްޖެ

25 ޖެނުއަރީ 2021

ބެއިޖިން (ޖެނުއަރީ 25) - ޗައިނާގެ ޝަޑޮން ޕްރޮވިންސްގެ ރަން ނަގާ ވަޅެއްގައި، ބިމުން ފެށިގެން 600 މީޓަރު (2،000 ފޫޓު) އަޑީގައި ތާށިވި މީހުންގެ ތެރޭން ނުވަ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖެނުއަރީ 25) - ޗައިނާގެ ޝަޑޮން ޕްރޮވިންސްގެ ރަން ނަގާ ވަޅެއްގައި، ބިމުން ފެށިގެން 600 މީޓަރު (2،000 ފޫޓު) އަޑީގައި ތާށިވި މީހުންގެ ތެރޭން ނުވަ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރަން ވަޅުގައި ތާށިވި މީހުންގެ ތެރޭން 11 މީހަކު އިއްޔެ ވަނީ ސަލާމަތްކޮށްފަ އެވެ.

ޔަންޓައި ސިޓީގެ މޭޔަރާ ހަވާލާދީ ރަސްމީ ޓީވީ ސީސީޓީވީން ބުނީ ނުވަ މީހުން މަރުވެފައިވާކަން ޔަގީންވެފައިބވާ އިރު އެކަކަށްވީ ނުވީއެއް އަދި ނޭނގޭ ކަމަށެވެ.

ހުޝާން ނަމަކަށް ކިޔާ ރަން ވަޅުގައި ބަޔަކު ތާށިވީ މި މަހު 10 ވަނަ ދުވަހު އެ ވަޅާ ކައިރީގައި ބާރުގަދަ އެއްޗެއް ގޮވައި ވަޅުން ނުކުމެވޭ ގޮތަށް ހުރި ޓަނަލް ބަންދުވުމުންނެވެ.

"އެގާރަ މީހުން ސަލާމަތްކުރި ފަހުން ބާކީ ތިބި މީހުން ވެސް ސަލާމަތް ކުރެވޭތޯ ރެސްކިއު ޓީމުތަކުން ދިަޔއީ ކެނޑިނޭޅި މަސައްކަތް ކުރަމުން. އެކަމަކު ވަޅުގައި ތާށިވި ނުވަ މީހަކު ވަނީ މަރުވެފައި،" ޔަންޓައި ސިޓީގެ މޭޔަރު ޗެން ފެއި ވިދާޅުވި އެވެ.

މަރުވި މީހުންގެ ހަށިތައް ވެސް މިހާރު ވަނީ ވަޅުން މައްޗަށް ނަގައިފަ އެވެ.

ރަން ނަގާ ވަޅުން ފުރަތަމަ މީހާ އިއްޔެ ސަލާމަތްކުރި މަންޒަރު ވަނީ ޓީވީތަކުން ދައްކައިފަ އެވެ. އޭނާ މައްޗަށް ނެގި އިރު ވަނީ ކަނުބަނދެފަ އެވެ. އެއީ އަލިން އެ މީހާގެ ލޯ ސަލާމަތް ކުރުމަށްޓަކަ އެވެ. ރަން ވަޅުން ނެގުމާ އެކު އެ މީހާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ވަޅުގައި ތިބި މީހުންނާ މުވާސަލާތު ކުރުމަށްޓަކައި ވަނީ ފޯނު ލައިނެއް ގާއިމްކޮށްފަ އެވެ. އެއްޗެއް ގޮވިތާ ހަފުތާއެއް ފަހުން 12 މީހަކު ދިރިތިބިކަން އެނގުނީ ވަޅަށް ބޭލި ވަލެއްގައި އެތެރޭން ހިފާ ދެމުމުންނެވެ. އޭގެ ފަހުން ވަނީ ފަންސުރާއި ކަރުދާސް ވަލުގައި އައްސާފައި ވަޅަށް ތިރިކޮށްފަ އެވެ. ވަޅުގައި ތާށިވެފައި ތިބި މީހުން އޭގެ ފަހުން ވަނީ ވަލުގައި އައްސާފައި ނޯޓެއް ފޮނުވައިފަ އެވެ.