Roadha Mihaaru
ސުއޭޒް ކެނަލްގައި، ބޯޓުފުންކުރުމުގެ މަސައްކަތް ކުރިއަށް

ސުއޭޒް ކެނަލްގައި ހުރަސްވެ، ބީހުނު ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް

25 މާޗް 2021

ގާހިރާ (މާޗް 25) - މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވެ ބީހުނު 400 މީޓަރު (1،320 ފޫޓު) ދިގު ކޮންޓައިނާ ބޯޓު ފުން ކުރުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް ގެންގޮސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 25) - މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވެ ބީހުނު 400 މީޓަރު (1،320 ފޫޓު) ދިގު ކޮންޓައިނާ ބޯޓު ފުން ކުރުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް ގެންގޮސްފި އެވެ.

ޓަގު ބޯޓުތައް ޖަހައިގެން އެވަ ގިވަން ފުންކުރެވޭތޯ މަސައްކަތް ކުރަމުންދާ އިރު 150 އަށް ވުރެ ގިނަ ބޯޓު މިހާރު ވަނީ ކެނަލް ހުރަސްކުރެވޭތޯ ކިއުގަ އެވެ. ނަމަވެސް އެ ކަނޑުއޮޅިން ކުރިން ބޭނުން ކުރި ބައެއް ހުޅުވައި ކުދި ބޯޓުތަކަށް ދަތުރު ކުރެވޭނެ ގޮތް މިސްރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެވަ ގިވަން ފުންކުރެވޭތޯ ކުރަމުންދާ މަސައްކަތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބޯޓުގެ ޕޮޒިޝަނަށް އައިސްފައި ވަނީ ކުޑަ ބަދަލެއް ކަމަށް ޝިޕް-ޓްރެކިން ސޮފްޓްވެއާއަކުން ދައްކާފައިވެ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް 24-48 ގަޑިއިރު ތެރޭ އެވަ ގިވަން ފުން ނުކުރެވިއްޖެ ނަމަ ބައެއް ބޯޓުތަކުގެ ރޫޓް ބަދަލު ކުރަން ޖެހޭނެ ކަމަށް ޝިޕިން ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ޗެއާމަން އުސާމާ ރާބީ ވިދާޅުވީ އެވަ ގިވަން ފުންކުރެވި ކަންކަން ވަރަށް އަވަހަށް ހަމައަކަށް އެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހަތަރު ފުޓުބޯޅަ ދަނޑުވަރުގެ ބޮޑު ބޯޓު ސުއޭޒް ކެނަލްގައި ހުރަސްވީ ގަދަ ވަޔާ އެކު އައި ވެލީގެ ތޫފާނެއްގެ ސަބަބުން ކެޕްޓަނަށް ދުރު ނުފެނުމުންނެވެ.

މެޑިޓެރޭނިއަން އާއި ރަތް ކަނޑު ގުޅުވާލަ ދޭ ކުރު މަގަކީ ދުނިޔޭގެ ވިޔަފާރި މުދަލުގެ 12 ޕަސެންޓް ދަތުރުކުރާ ކަނޑުއޮޅި އެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ދެ ލައްކަ ޓަނުގެ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ ކުންފުނި އެވަގްރީން މެރިންނެވެ. ސުއޭޒް ކެނަލްގައި ބޯޓު ތާށިވީ ޗައިނާ އިން ނެދަލޭންޑްސްގެ ރޮޓެޑަމަށް ދަތުރު ކުރަނިކޮށެވެ.