Roadha Mihaaru
ބޯޓު ހުރަސްވުމުން ރަތް ކަނޑުގައި "ޓްރެފިކް ޖޭމް"އެއް

ސުއޭޒް ކެނަލް: ބޯޓު ހުރަސްވުމުން ރަތް ކަނޑުގައި "ޓްރެފިކް ޖޭމް"އެއް

27 މާޗް 2021

ގާހިރާ (މާޗް 27) - މިސްރުގެ ސުއޭޒް ކެނަލްގައި ބިޔަ ކޮންޓެއިނާ ބޯޓެއް ހުރަސްވެ އެ ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ރަތް ކަނޑުގައި "ޓްރެފިކް ޖޭމް"އެއް އުފެދިފައިވާ ކަމަށް ބައެއް ބޯޓު ފަހަރުގެ ފަޅުވެރިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 27) - މިސްރުގެ ސުއޭޒް ކެނަލްގައި ބިޔަ ކޮންޓެއިނާ ބޯޓެއް ހުރަސްވެ އެ ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ރަތް ކަނޑުގައި "ޓްރެފިކް ޖޭމް"އެއް އުފެދިފައިވާ ކަމަށް ބައެއް ބޯޓު ފަހަރުގެ ފަޅުވެރިން ބުނެފި އެވެ.

އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއްގެ ޗީފް އިންޖިނޭރަކު ބުނީ ސުއޭޒް ކެނަލުން ދެކުނު ކޮޅުން ވަންނަން ކިޔޫގައި ތިބި ބޯޓުތަކުގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. ޝިޕިން ޑޭޓާތަކުން ދައްކާ ގޮތުގައި 237 ބޯޓު މިހާރު ވެސް ވަނީ ސުއޭޒް ކެނަލް ހުރަސްކުރުމަށް ކިޔޫގަ އެވެ.

ސުއޭޒް ކެނަލްގައި ހުރަސްވެ ބީހިފައިވާ އެވަ ގިވަން ބޯޓު ފުން ކުރަން ހުކުރު ދުވަހު ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ކާގޯ ބޯޓު ފުންކުރެވޭތޯ ދަނީ ޓަގު ބޯޓާއި ކޮންނަ ބޯޓުގެ އެހީގައި މަސައްކަތް ކުރަމުންނެވެ. ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު މިނުގެ ބޯޓުގެ މިސްރާބު އަންގާރަ ދުވަހު ގެއްލުނީ ގަދަވަޔާ އެކު އައި ވެލީގެ ތޫފާނެއްގެ ސަބަބުން ކެޕްޓަނަށް ދުރު ނުފެނުމުގެ ސަބަބުންނެވެ.

ސުއޭޒް ކެނަލްގައި އެވަ ގިވަން ބޯޓު ހުރަސްވެފައި. --ފޮޓޯ:ސުއޭޒް ކެނަލް އޮތޯރިޓީ

ސުއޭޒް ކެނަލްގައި އެވަ ގިވަން ބޯޓު ހުރަސްވެފައި. --ފޮޓޯ:ސުއޭޒް ކެނަލް އޮތޯރިޓީ

މިސްރު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ދެތިން ދުވަސްތެރޭ ބޯޓު ފުންކުރެވިދާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ ކޮންޓެއިނާ ހުސްކޮށްގެން ބޯޓު ލުއިކުރަން ޖެހިއްޖެ ނަމަ އެކަމަށް ހަފުތާތަކެއް ހޭދަވާނެ ކަމަށެވެ. މިހާރު ބޮޑަށް ބަލަނީ ބޯޓު ވަށައިގެން ވެއްޔާއި ކިސަޑް ނަގައިގެން ފުން ކުރެވޭތޯ އެވެ. އެ މަސައްކަތަށް ބުރާސްފަތި ދުވަހު ވަނީ ގަޑިއަކު 2،000 ގޮޑި މީޓަރު (70،000 ކޮޑި ފޫޓު) ގެ ވެލި ނެގޭ ސަކްޝަން ޑްރަޖަރެއް ގެންގޮސްފަ އެވެ.

ދުނިޔޭގެ ވިޔަފާރި މުދަލުގެ 12 ޕަސެންޓް ދަތުރުކުރަނީ މެޑިޓެރޭނިއަން އާއި ރަތް ކަނޑު ގުޅުވާލަދޭ 193 ކިލޯމީޓަރު (120 މޭލު) ގެ ކަނޑުއޮޅިންނެވެ. ސުއޭޒް ކެނަލް ބޭނުން ކުރުމުން އޭޝިއާ އިން ޔޫރަޕަށް ކުރާ ދަތުރު ވަރަށް ބޮޑަށް ކުރުވެ އެވެ. އެހެން ނޫނީ އެ ދަތުރު ކުރަން ޖެހެނީ އެފްރިކާގެ ދެކުނުން ކޭޕް އޮފް ގުޑް ހޯޕް ވަށާލައިގެންނެވެ. އެ ގޮތަށް ދަތުރުކުރާ ނަމަ ދެ ހަފުތާ އިތުރަށް ހޭދަވެ އެވެ.

އޭޝިއާ އިން ޔޫރަޕަށް ކުރާ ދަތުރުގައި ސުއޭޒް ކެނަލް ބޭނުން ކުރުމުން މަގު ކުރެވޭ. --ބީބީސީ

އޭޝިއާ އިން ޔޫރަޕަށް ކުރާ ދަތުރުގައި ސުއޭޒް ކެނަލް ބޭނުން ކުރުމުން މަގު ކުރެވޭ. --ބީބީސީ

އޭޝިއާ އިން ޔޫރަޕަށް ސުއޭޒް ކެނަލް މެދުވެރިކޮށް ދަތުރުކުރާ ނަމަ ދުރުމިނަކީ 10،000 މޭލު (18،520 ކިލޯމީޓަރު) އެވެ. އެ ދަތުރަށް 25.5 ދުވަސް ހޭދަވެ އެވެ. ކޭޕް އޮފް ގުޑް ހޯޕް ވަށާލައިގެން ދަތުރުކުރާ ނަމަ އެއީ 13،500 މޭލު (25،002 ކިލޯމީޓަރު) އެވެ. އެއީ 34 ދުވަހުގެ މުއްދަތެވެ. (ބޯޓު ފަހަރުގެ އެވްރެޖް ސްޕީޑް 16.4 ނޮޓުގައި ދަތުރުކުރާ ނަމަ އެވެ.)

ސުއޭޒް ކެނަލް ބަންދުވުމުގެ ސަބަބުން ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ ވަނީ ހިފެހެއްޓިފަ އެވެ.