Roadha Mihaaru
ސުއޭޒް ކެނަލް: އޭޝިއާ އާއި ޔޫރަޕް ގުޅާލަދޭ ކުރު މަގު

މިސްރުގެ ސުއޭޒް ކެނަލް: އޭޝިއާ އާއި ޔޫރަޕް ގުޅުވާލަދޭ ކުރު މަގު

26 މާޗް 2021

ސުއޭޒް (މާޗް 26) - ބިޔަ ކޮންޓެއިނާ ބޯޓެއް މިހާރު ހުރަސްވެފައިވާ މިސްރުގެ ސުއޭޒް ކެނަލް ހުޅުވިތާ މިހާރު 150 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސުއޭޒް (މާޗް 26) - ބިޔަ ކޮންޓެއިނާ ބޯޓެއް މިހާރު ހުރަސްވެފައިވާ މިސްރުގެ ސުއޭޒް ކެނަލް ހުޅުވިތާ މިހާރު 150 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ.

ވޭތުވެދިޔަ މުއްދަތުގައި މިސްރު ސަރުކާރުން ވަނީ އެ ކެނަލް ފުޅާކޮށް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް އެކި ދުވަސްވަރުކޮށްފަ އެވެ. މިއަދު އެއީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރު ވެސް ދަތުރުކުރެވޭ ކަނޑުއޮޅިއެކެވެ. ތިރީގައި އެ ވަނީ ދުނިޔޭގައި ކަނޑުމަގުން އުފުލޭ ވިޔަފާރި މުދަލުގެ 10 ޕަސެންޓް ހޭންޑްލްކުރާ ކެނަލް ބޮޑުކުރުމާ ގުޅޭ އެކި ސްޓޭޖްތަކާ ބެހޭ މައުލޫމާތެވެ.

ފެށުން

ސުއޭޒް ކެނަލް އެންމެ ފުރަތަމަ ހުޅުވީ 1869 ވަނަ އަހަރު އެވެ. އޭރު އެ ކެނަލްގެ ދިގު މިނަކީ 164 ކިލޯމީޓަރު (102 މޭލު) އެވެ. އަދި ފުންމިނަކީ އަށް މީޓަރު (26 ފޫޓް) އެވެ. އެ ދުވަސްވަރު އެ ކެނަލް އިން ދަތުރުކުރަނީ 5،000 ޓަނުގެ އަދި ފުންމިން 6.7 މީޓަރުގެ ބޯޓު ފަހަރެވެ.

އޭގެ ފަހުން 1887 ވަނަ އަހަރު ވަނީ ކެނަލްގައި ރޭގަނޑު ދަތުރުކުރެވޭ ގޮތަށް ނޭވިގޭޝަން ހަރުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ކެޕޭސިޓީ ދެގުނަވަގެން ދިޔަ އެވެ.

1950 ގެ އަހަރުތަކުގައި ބޮޑު ކުރިއެރުމެއް

ޝިޕިން ކުންފުނިތަކުން ޑިމާންޑް ކުރަމުން ދިޔަ ނަމަވެސް 1950ގެ އަހަރުތަކާ ހަމައަށް ކެނަލް ދިގުކޮށް، ފުޅާކޮށް އަދި ފުންކޮށްފައެއް ނުވެ އެވެ. ކުރީގެ ރައީސް ޖަމާލް އަބްދުއްނާސިރުގެ ވެރިކަމުގައި 1956 ވަނަ އަހަރު ވަނީ ކެނަލް 175 ކިލޯމީޓަރަށް ދިގުކޮށް 14 މީޓަރަށް ފުންކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 30،000 ޓަނުގެ 10.7 މީޓަރުގެ ފުންމިނުގެ ބޯޓު ފަހަރަށް ދަތުރު ކުރެވެން ފެށި އެވެ.

21 ވަނަ ގަރުނު

ސުއޭޒް ކެނަލް ބޮޑުކުރުމުގެ ބޮޑު މަޝްރޫއެއް 2015 ވަނަ އަހަރު ފެށި އެވެ. އެ މަޝްރޫއުގެ ދަށުން 193 ކިލޯމީޓަރަށް ކެނަލް ދިގުކޮށް 24 މީޓަރަށް ފުންކުރި އެވެ. އެހެންވެ އެ ކެނަލުން މިހާރު 240،000 ޓަނުގެ (ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓު ފަހަރު) 20.1 މީޓަރުގެ ފުން މިނުގެ ބޯޓު ފަހަރަށް ދަތުރު ކުރެވެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ދުވާލަކު އެވްރެޖްކޮށް 50 ބޯޓު ވަނީ ސުއޭޒް ކެނަލުން ދަތުރުކޮށްފަ އެވެ. އެ އަހަރު ވަނީ 19،000 ބޯޓު ސުއޭޒް ކެނަލުން ދަތުރުކޮށް އެއް ބިލިއަން ޓަނުގެ ކާގޯ އުފުލައިފަ އެވެ. ކެނަލް ހުޅުވިއިރު 1869 ވަނަ އަހަރު ދަތުރުކޮށްފައި ވަނީ ދުވާލަކު ތިން ބޯޓެވެ. ދެކޮޅަށް ދަތުރުކުރެވޭ ގޮތް 2023 ވަނަ އަހަރު ހެދުމާ އެކު ސުއޭޒް ކެނަލްގެ ޓްރެފިކް ޑަބަލްވާނެ އެވެ. ސުއޭޒް ކެނަލުން މިސްރުގެ އިގްތިސާދަށް މިދިޔަ އަހަރު ވަނީ 5.61 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އަވަސް މަގު

ކަނޑު މަގުން އުފުލާ ތެލުގެ ބޮޑު ބައެއް ދަތުރު ކުރަނީ ސުއޭޒް ކެނަލުންނެވެ. ގަލްފުން ލަންޑަނަށް ކުރާ ދަތުރެއް ސުއޭޒް ކެނަލުން ކޮށްފި ނަމަ ދަތުރުގެ ދިގުމިން ދެބައިކުޅަ އެއްބަޔަށް ކުރުވެ އެވެ. ގަލްފުން ހުޅަނގު ޔޫރަޕަށް ގެންދާ މައިގަނޑު ކާގޯއަކީ ތެލެވެ. ޔޫރަޕާއި ނޯތު އެމެރިކާ އިން ފާ އީސްޓް އަދި އޭޝިއާ އަށް މައިގަނޑު ގޮތެއްގައި ގެންދަނީ މެނުފެކްޗާޑް ގުޑްސް އެވެ.

އޭޝިއާ އިން ޔޫރަޕަށް އަދި ޔޫރަޕުން އޭޝިއާ އަށް ކަނޑުމަގުން ގިނަ ދަތުރުތައް ކުރަނީ ސުއޭޒް ކެނަލުންނެވެ. މިސާލަކަށް ސިންގަޕޫރުން ނެދަލޭންޑްސްގެ ރޮޓަޑަމް އަށް ކުރާ 6،000 ކިލޯމީޓަރު (3،700 މޭލު) ގެ ދަތުރު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށާލާފައި ދިއުމުގެ ބަދަލުގައި ސުއޭޒް ކެނަލުން ދަތުރު ކުރުމުން ދެ ހަފުތާވަރު ދަތުރުކުގެ މުއްދަތުން ކުރުވެ އެވެ.

ސުއޭޒް ކެނަލްގައި މިހާރު ހުރަސްވެފައިވާ އެވަގްރީން ކުންފުނީގެ އެވަ ގިވަން ބޯޓު ވެސް ދަތުރު ކުރީ ޗައިނާ އިން ނެދަލޭންޑްސް ރޮޓަޑަމް ބަނދަރަށެވެ. އެއީ 400 މީޓަރު (13،12 ފޫޓް) އަދި 59 މީޓަރު ފުޅާ ބޯޓެކެވެ. ބޯޓުގެ ދިގު މިނުގައި ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު މިން ހުރެ އެވެ. ދެ ލައްކަ ޓަނުގެ ބޯޓުން 20 ފޫޓުގެ 20،000 ކޮންޓެއިނާ އުފުލެ އެވެ.